ޅ.ނައިފަރުގައި ސްލިޕްވޭ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މަސްވެރި އުޅަނދުތަކުގެ މަރާމާތުތަކާއި މިނޫންވެސް މަސައްކަތްތަކަށް ސްލިޕްވޭއެއްގެ ހިދުމަތް ލިބުމަކީ އެ ރަށެއްގެ އިގްތިޞާދުވެސް ކުރިއަރައިދާނެ ކަމެކެވެ.
ނައިފަރުގައި ސްލިޕްވޭ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ނައިފަރަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ނައިފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްލިޕްވޭ ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ ތްރީ ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.
ނައިފަރު ސްލިޕްވޭ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ. އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރު ތްރީ ވޭ އެންޓަޕްރައިޒަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ހަސަން އިބްރާހީމްއެވެ.
ނައިފަރުގައި ގާއިމްކުރާ ސްލިޕްވޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމަވާ ދެއްވާނެ ކަމަށް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ސްލިޕްވޭ ގާއިމްވެގެން ދިއުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.




