މި އަހަރުގެ މަސްވެރިންގެ ދުވަހާގުޅިގެން ބާއްވާ ”ރަހަވަރު“ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރަހަވަރުގެ ނަމުގައި ބާއްވާ ކެއްކުމުގެ މުބާރާތެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ރަހަވަރު ކެއްކުމުގެ މުބާރާތް އޮންނާނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފަހަގަކުރުމަށް ހަމަޖެހިފައިވާ ރ. ދުވާފަރުގައި ކަމަށެވެ.
އެގޮތުން މި މުބާރާތް އޮންނާނީ ދުވާފަރުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަހަވަރު ކެއްކުމުގެ މުބާރާތުގެ ބޭނުމަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނިކުންނަ ފަރާތްތަކަށް މި ދާއިރާއިން އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ.
އަދި މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މީގެއިތުރުން ދިވެހިރައްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހީންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުން ކަމަށް މިނިސްޓްރީން ހާމަަކުރެއެވެ.
އެހެންކަމުން ރަހަވަރު ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމާ ގުޅޭ ފޯމު ފުރިހަމަކުރުމަށް ފަހު 15 ނޮވެމްބަރުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



