ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއި ކުރުމަށް ފަހު ފުރުސަތު ދީފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ދިގު މުއްދަތެއް ދެވިފައިވާކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެއްބަސްވުން އަދި ރަޖިސްޓަރީއާ ޙަވާލުވެފައިނުވާ ފަރާތްތަކަށް އެގްރީމަންޓާއި ރަޖިސްޓަރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް ހުޅުވާލެވުނު ފުރުޞަތު 06 ނޮވެންބަރު 2025 ގެ ނިޔަލަށް އިތުރު ކުރެވިފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
”މިއީ ގުޅިފަޅު އެއްބަސްވުން އަދި ރަޖިސްޓަރީއާ ޙަވާލުވުމަށް ދެވޭ ފަހު ފުރުޞަތު ކަމުގައިވެސް ދެންނެވީމެވެ. މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަން“ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ސޮއިކުރުމުގެ ފުރުޞަތު ހޯދުމަށް އެޕޮއިންޓްމަންޓަށް އެދޭނީ ހިޔާވަހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.
އެ ޕޮއިންޓްމަންޓްއަށް އެދޭއިރު ބައެއް ލިޔެކިޔުންތައް ”ހިޔާވެހި ޕޯޓަލް“ އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިގޮތުން އައު ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ 01 (އެކެއް) ފަރާތުގެ އައިޑީ ކާޑު ކޮޕީ އަދި ގޯތި ލިބޭ ފަރާތް/ފަރާތަކުގެ ބަދަލުގައި އެހެން ފަރާތަކުން، އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓަރީއާ ޙަވާލުވާނަމަ، ހިޔާވަހި ޕޯޓަލްގައިވާ ޕަވަރަ އޮފް އެޓަރނީގެ ނަމޫނާއާ އެއްގޮތަށް ޝަރުޢީ ކޯޓެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާއި، އެޓަރނީގެ އައި.ޑީ.ކާޑުގެ ކޮޕީ އާއި
ގޯތި ލިބޭ ފަރާތުން ކުރިން ސޮއިކޮށްފައިވާ ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގެ ކޮޕީ އާއި
ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ”ބަންޑާރަ ގޯތީގެ ރަޖިސްޓަރީ“ ގެ ކޮޕީ ހިމެނެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކާއި، ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ކެންސަލްކުރެވޭނެެ ކަމަށެވެ.



