ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ބޭނުންވާ ހުނަރުތައް ދިވެހި ޒުވާނުންގެ ކިބައިގަ އަށަގަންނުވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރު ފުރުމާއި ދިމާކޮށް ބާއްވާ، ސްކިލް ފެސްޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކަމަނާ ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ސްކިލް ފެސްޓަކީ ދިވެހި މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކުރުމަށް ހުޅުވިފައިވާ ދޮރެށް ކަމަށެވެ.
އެގޮތުން ކޮންމެ ޒުވާނަކުވެސް މި ފުރުޞަތުގެ ބޭނުން ހިފާނެ ކަމަށް ޤަބޫލުކުރައްވާކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ދިވެހިންގެ ކުރީގެ ޖީލަކީ ހުނަރުވެރި ބައެއް ކަމަށާއި އެކަން ދިވެހިންގެ އިހުގެ ގަލުވަޑާމާއި ޓެކްނޮލޮޖީން އެނގޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ބޭނުންވާ ހުނަރުތައް ދިވެހި ޒުވާނުންގެ ކިބައިގައި އަށަގަންނުވަން ޖެހޭކަން ފާހަގަކުރައްވާފައެވެ.



