ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު އަބްދުއްސައްތާރު މުހައްމަދު ހޮވައިފިއެވެ.
އެ ކޮމިޓީގެ މުގައްރިރަކަށް އަބްދުއްސައްތާރު ހޮވާފައި ވަނީ އެ މަޤާމުގައި ހުންނެވި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރަން ރުހުން ދިނުމުން، އެ ކޮމިޓީން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ދެން އައްޔަންކުރަންވީ މެންބަރެއްގެ ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އަބްދުއްސައްތާރުގެ ނަން ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން މުފީދު އަބްދުލްގާދިރު އެވެ.
މިގޮތުން އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ހާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ވަނީ ސައްތާރަށް ރުހުން ދީފައެވެ.




