ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފަރާތުން ކ.ތުލުސްދޫގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ޕްރޮގްރާމްތައް ހިންގުމަށް ދެ ފަރާތުން ފަހުމުނާމާއެއްގައި ސޮއިކޮއްފިއެވެ.
މި އެއްބަސްވުމުގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ މުވައްސަސާގެ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަމާހް ރަޝިދެވެ.
އަދި އެމް.އެން.ޔޫގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ކ.ތުލުސްދޫގެ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފަރާތުން އެކުލައިވަލާފައިވާ ކަންރަންޓު މަސައްކަތްތަކާއި ގުޅޭ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިވެފެންދާނެ ކަމަށެވެ.
އަދި މިފަދަ އެއްބަސްވުންތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި މަތީ ތަޢުލީމާއި ތަމްރީނު ފުޅާކޮށް، އެންމެނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިއްމު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.



