ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނޫނީ މަސްވެރިންގެ ޙަޤީޤީ އަގު ވަޒަންކުރި ރައީސެއް ދިވެހި ތާރީޚު ނުދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރުކުމާ މިހެން ވިދާޅުވީ މިއަދު ބޭއްވި ”ދިވެހީންގެ ބޭންކު މުޅިރާއްޖެ“ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމަށް މިފްކޯއާއި ފިނޭންސްއާއި ބީއެމްއެލްއާ ދެމެދު ހެދި އެއްބަސްވުމަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅަށް އިޝާރަތްކުރައްވައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގުތިޞާދުގެ މުހިންމުއެއް ސިނާއަތް ކަމަށްވާ މަސްވެރިކަމަށް އެހީތެރިވުމަށް ބޭންކުން ސަރުކާރާއި މިފްކޯއާއެކު އެއްބަސްވުމެއް ގާއިމުކޮށް ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ނިޒާމު ގާއިމުކުރަން ކަމަށެވެ.
އެގޮތުން ރަސްމީ ދުވަހެއް ނުވަތަ ހަފުތާ ބަންދު ދުވަހެއް ކަމުގައިވިޔަސް އެ މުއާމަލާތްތައް ދަނީ ފުރިހަމަކުރަމުން ކަމަށާއި އެކަން ކުރަމުން ދަނީ ބޭންކުގެ ފައިސާއިން ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.
ހަމައެހެންމެ އެ މުއާމަލާތްތައް ފުރިހަމަކުރަމުން ދަނީ މިފްކޯއަށް ލޯނު ދޫކޮށްގެން ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ މުއާމަލާތްތައް ފުރިހަމަކުރަމުންދަނީ މިފްކޯގެ އެކައުންޓަށް ޖަމާވާ އާމްދަނީ ފައިސާއިން އެންމެ ފުރަތަމަ މަސްވެރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް އިސްކަންދޭ ނިޒާމެއް ގާއިމުކޮށްގެން ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އެކަމުން މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުންތަކުގެ ތެރޭގައި މަސްވެރިން މާލީ ދާއިރާގައި ބައިވެރިކުރުވުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ފަސޭހައިން ލޯނާއި ފައިނޭންސް ލިބޭނެ އިންތިޒާމް ހަމަޖެހުން ހިމެނޭކަމަށް ޝަރީފު ވިދާޅުވިއެވެ.
މިގޮތުން އެ ރަސްމިއްޔާތުގައި ޝަރީފް ދެއްކެވި ވާހަކަފުޅު ހިއްސާކުރައްވާ ރުކުމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް މުޢިއްޒު ނޫނީ މަސްވެރިންގެ ޙަޤީޤީ އަގު ވަޒަންކުރި ރައީސެއް ދިވެހި ތާރީޚު ނުދެކޭ ކަމަށެވެ.




