ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.
ވޭތުވެ ދިޔަ އަހަރުތަކުގައި ތުރުކީވިލާތުން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރުމުގައި ދިވެހިރާއްޖެ ބައިވެރިވާކަމުގައި އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ ތަރަހައިގެ މަތީ ޤާއިމުކޮށްފައިވާ، ގާތް، ރަޙުމަތްތެރި ގުޅުމުގެ އަގުވަޒަންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖުގައި ވަނީ، ރައީސް އުރްދުޣާނަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، ތުރުކީވިލާތުގެ ރައްޔިތުންނަށް ތަރައްޤީ ލިބެމުންދިއުމަށް އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައި އަމަންއަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖެވެސް ހިމެނޭ ގޮތަށް، ތުރުކީވިލާތުން ޤާއިމުކޮށްފައިވާ ގުޅުންތަކުގެ ފައިދާ، އެންމެހާ ބައިވެރިން ހިއްސާކުރަމުންދާނޭކަން ޔަޤީންކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.



