ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމްނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއި ކޮށްފައިވަނީ ސީއީއޯ މުޙައްމަދު ޝަރީފެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ވަޤުފު މަޝްރޫޢުތައް ފެށުން ލަސްވެފައި ހުރީ ފައިސާ ހަމަނުޖެހުމުން ކަމަށެވެ. ނަމަވެސް އެކި ފަރާތްތަކުގެ އެހީއާއެކު މިފަދަ މަޝްރޫޢުތައް ފެށުމުން އިތުރު މަޝްރޫޢޫތައް ކުރިއަށްގެންދިޔުމުގެ ފުރުސަތުތައް ލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ބީއެމްއެލްއާއެކު ވެފައިވާ އެއްބަސްވުމާއެކު އިސްލާމީ އުޞޫލްތަކުގެ ދަށުން ފައިސާ ހަމަޖެހިގެންދާނެކަމަށެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައުޤާފް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މި މަޝްރޫޢުތައް ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.
”ބީއެމްއެލް އިން އިސްލާމީ އުސޫލުން އިންވެސްޓްކުރުމަކީ މުޖުތަމައުއަށް، މުޅި ޤައުމަށް ކޮށްދެވޭ އަގުހުރި ޚިދުމަތެއް. މިހާރު ޤާއިމްވެގެންދާ ވަޤުފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢޫތަކެއް. ރާއްޖޭގައި އެބަހުރި އެތައް ސަތޭކަ މިސްކިތްތައް މި މަސްކިތްތައް އެއްފަހަރާ މަރާމާތުކުރުމަށާއި ހުރިހާ ކަމަކަށް ޚަރަދުކުރުމަކީ ދައުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ކުރެވޭނެ ކަންކަމެއް ނޫން. މީގެ އެހެން ދާއިރަތައް ހޯދަން އެބަޖެހޭ ފައިސާ ހޯދުމަށްޓަކައި. މާލޭގައި ޤާއިމްކުރާ މިފަދަ ތަންތަނުން މުޅިރާއްޖެއަށް ފައިދާކުރާނެ.“ މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށްޓަކައި މާލީ އެހީއާއި އިސްތިރާޖީގޮތުން އެ ބޭންކުން އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ ”ދާރުލްސަލާމް“އާއި މާލޭގައި ތަރައްޤީކުރާ ”ދާރުލްއަރްޤަމް“އަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމީ އުސޫލްގެ ދަށުން ހަމަޖައްސާދޭން އެހީވާނެކަމަށް ޝަރީފު ވިދާޅުވިއެވެ.



