ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ހިންގުމުގެ ނަމުގައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި ޓެކުމުގެ ކުށުގެ 13 ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނަރަލް(ޕީޖީ) ގެ އޮފީހުން މިއަދު ނިންމައިފިއެވެ.
ގިނަ ބައެއްގެ އަތުން ކިންގްސް ކެޕިޓަލްއިން، ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގިއެވެ. އެ މައްސަލަ ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގައެވެ.
އަލްހާންގެ ކުންފުނިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަލްހާންއާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ޝަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެ ދައުވާތައް މުރާޖާކޮށްދިނުމަށް މީގެ ކުރިން އެ ތިން މީހުންގެ ފަރާތުން ވަނީ އެދިފައެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
އެހެންކަމުން، އަލްހާނުގެ 3 ބެއިންގެ ފަރާތުން ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ.
އެގޮތުން އަލްހާންމެންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ:
° ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާާއާ ހަވާލާދީ، ޖިނާއީ ކުށެއް ވިޔަކަސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަކަށް
° ކުންފުނިން ކުށުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ގާނޫނުލްއުގޫބާތުގައި ވެސް ކުންފުންޏަށް ދައުވާކުރެވެން އެބަ އޮވޭ؛ ބޭނުމަކީ ކުންފުނި ކުށަށް ޒިންމާ ކުރުވުން
° މީގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަން
° ކުންފުނީގެ ބިތުފަންގި ނެގޭ ގޮތަށް ފަރުދީ ގޮތުން ޒިންމާކުރުވަން ޖެހެނީ ޑިރެކްޓަރުން؛ އަލްހާނަކީ މެނޭޖިން ޑިރެކްޓަރަކަށް ވިޔަސް ދައުވާ ކުރި ސަބަބުގައި އޮންނަނީ ހިއްސާދާރާކަށް ވާތީ
ޕީޖީ އޮފީހުން މިއަދު ބުނީ ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް، ދައުވާ ލިބޭ ފަރާތުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަކަށް ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް ދައުވާތައް މުރާޖައާކޮށްދިނުމަށް ދައުވާ ލިބޭ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު އެ މައްސަލާގައި ބަދަލު ލިބެންޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަން އެ ފަރާތްތަކުން ވެސް ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށް އެ އޮފީހުން ބުންޏެެވެ.



