އަންނަ މަހުގެ 3 ކަމުގައިވާ ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްއަށް ޖުމްހޫރީ މައިދާނުގެ ވަށައިގެންވާ މަގުތައް ބަންދުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މިލިޓަރީ ޑިސްޕްލޭއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ރިހާސަލްތައް ބޭއްވުމަށް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:30 އިން 6:00 އަށް އަދި ރޭގަނޑު 11:00 އިން ފެށިގެން ރިހާސަލް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން އާންމުކޮށްފައިވާ ޗާޓުން ދައްކާ ގޮތުގައި، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދުވާނެއެވެ. އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެއެވެ.
މީގެއިތުރުން ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް އެ މަގު ބަންދުވާނެއެވެ.
ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަހައްދަށް އާންމުން ވަނުން ވެސް އެ ވަގުތުތަކުގައި މަނާވާނެއެވެ.



