އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދޭން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކައިން ވަނީ 3 ޖެނެރޭޓަރެއް ފޮނުވާފައެވެ. އެއީ 1.8 މެގަވޮޓްގެ ދެ ޖެނެރޭޓަރާއި 1.6 މެގަވޮޓްގެ ޖެނެރޭޓަރެކެވެ.
އެގޮތުން އައްޑޫއަށް ފޮނުވި 1.6 މެގަވޮޓްގެ ޖެނެރޭޓަރު މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެ ޖަނަރޭޓަރުވެސް ބޭނުން ކުރަން ފަށާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ ވިދާޅުވީ އައްޑޫސީޓީގައި މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި 1.8 މެގަވޮޓްގެ އިތުރު ޖެނެރޭޓަރެއް ގެނައުމަށް ޓެންޑަރަށް ލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެ ޖެނެރޭޓަރު މިއަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ވެސް ނަޖާހު ވިދާޅުވިއެވެ.



