އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ފަރާތުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ބަޖެޓު ހުށަހަޅައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ތަފްސީލު:
° ޖުމްލަ ބަޖެޓް: 64 ބިލިއަން ރުފިޔާ
° ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ: ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ
° ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އަދަދު: 373.6 މިލިއަން ރުފިޔާ
° ހިލޭ އެހީއާއެކު ޖުމްލަ އާމްދަނީ: 40.4 ބިލިއަން ރުފިޔާ
° ހަރަދުވާނެ ކަމަށް ލަފާކުރާ އަދަދު: 49.2 ބިލިއަން ރުފިޔާ
° ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން ބޭނުންވާ އަދަދު: 8.8 ބިލިއަން ރުފިޔާ
° ރިކަރަންޓް ހަރަދަށް ބަޖެޓުން ކަނޑައަޅާ އަދަދު: 39.9 ބިލިއަން ރުފިޔާ (އެއީ ބަޖެޓުގެ %62)

މިއަދުގެ މަޖިލިސް ޖަލްސާގައި ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދަށް ކަމަށެވެ. އެއީ 2021 ގައި ސަރުކާރުން އިޝޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް“ މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ފިސްކަލް އަމާޒުތަކަކީ:
° 2028ގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށްކުރުން
° ދައުލަތުގެ ސީދާ ދަރަނި %117 ކުޑަކުރުން
° ޕީއެސްއައިޕީ ހަރަދު %7އަށް ވުރެ މަތިނުވާނެހެން ކަނޑައެޅުން
° ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ހަރަދު %12 އަށް ވުރެ މަތިނުވާނެހެން ހިފެހެއްޓުން
° 2028ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ގެރެންޓީ ދީފައިވާ ދަރަނި %10އަށް ކުޑަކުރުން
ފިނޭންސް މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %5.3 އަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2026 އާއި 2028އާ ދެމެދު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވަރޭޖު ގޮތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ %4.9 ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.



