މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު އެ ސަރަޙައްދުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ދަޢުލަތުގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މުޅިއަކު 1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ތަރައްޤީ ކުރާ ޒަމާނީ މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ.
އެގޮތުން މިސްކިތުގެ އެންމެ ތިރީ ބައިގައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚާނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު، މެޒެނީން ފަންގިފިލާގައި އަންހެނުން ނަމާދު ކުރާ ބައި އެއްވަނަ ފަންގިފިލާގައި ނަމާދު ކުރާ ބައި، އިޢުތިކާފް ސަރަޙައްދު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިސްކިތުގެ ދެވަނަ ފަންގިފިލާގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރެވޭ ގޮތަށް ޤާއިމްކުރެވޭނެ ބައެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި މިސްކިތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާއިރު އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދު ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް މިސްކިތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކުރާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެކެވެ. މިގޮތުން ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވެސް މިދިޔަ އަހަރުގައިވަނީ ފެށިފައެވެ. ތިން ބުރިއަށް ބިނާކުރެވޭ ޒަމާނީ އެ މިިސްކިތް މިއަހަރުގެ ޑިސެމްބަރު މަހުގައި ހުޅުވުމަށްބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އަދި މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އަންނަ ޖަނަވަރީ މަހުގައި ފެށޭނެއެވެ.



