ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 10،000 އެމެރިކާ ޑޮލަރަށް ހިޔާނާތްވެ، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ކުށް ސާބިތުވެ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، 154،000ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ކުށް މިއަދު ބައްސާމްގެ މައްޗަށް ސާބިތުވެފައިވާއިރު، އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ހިިޔާނާތެރިވި ކަމުގެ ކުށްވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސާބިތުވެފައެވެ.
އެގޮތުން މި މަހުގެ 8 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އެ ދައުވާއާ ގުޅިގެން އޭނާ 4 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.
މިއަދު ބައްސާމްގެ މައްޗަށް ސާބިތުވެފައިވަނީ، އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާއެވެ.
ދައުލަތުން އެ ދައުވާ ބައްސާމްގެ މައްޗަށް ކުރީ އެ ފައިސާ، މާރުކުރުމުގެ ބަދަލުގައި އޭނާގެ ރެހެންދި ފްލެޓަށް ކުލި ދައްކަން ބޭނުންކުރި ކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމްގައި ވަނީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ ބައްސާމް ބޭނުންކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް ސާބިތުވާ ކަމަށެވެ.



