އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޖުޑިޝަރީ ގްރާންޓްގެ ގޮތުގައި 807.9 މިލިޔަން ރުފިޔާ ހިމަނައިފިއެވެ.
ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅައި ގްރާންޓް ދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.
އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ.
އެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުން ޝަރުޢީ ދާއިރާއަށް ގްރާންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ދިނުމަށް ނިންމެވުމާއެކު ޝަރުޢީ ދާއިރާއަށް ގްރާންޓްގެ ގޮތުގައި 807.9 މިލިޔަން ރުފިޔާ ދިނުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އެ ޕަސެންޓަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގްތަކަށް ވުރެ ބޮޑު އަދަދަކަށް ވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ވެސް ރައީސް އޭރު ވިދާޅުވިއެވެ.



