ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭން އިއުލާނުކުރި ފައިސާއަށް 18 މީޑިއާއެއްގެ ޝަރުތު ހަމަވެ، ޖުމްލަ 27.9 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދޭން ނިންމި ނިންމުން ޔޫތު މިނިސްޓްރީން ބާތިލުކޮށް، އެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނާ ހަވާލުކުރަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން އިއްޔެ ވަނީ ދައުލަތުގެ ފަރާތުން މާލީ އެހީތެރިކަން ލިބޭ 18 މީޑިއާއަކާއި ލިބޭ އަދަދު ހާމަކޮށްފައެވެ.
އެއާއެކު އެ ފައިސާ ދޭން ނިންމާފައިވާ ގޮތުންނާއި ދެފުށް ފެންނަ ނިޒާމެއް ނެތި އަދި އިގްތިސާދީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި މީޑިއާތަކަށް ފައިސާ ދޭން ހަމަޖެއްސުމާ ގުޅިގެން ބައެއް މީޑިއާތަކުންނާއި ގިނަ އަދަދެއްގެ އާންމުންވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައިވަނީ، މީޑިއާތަކަށް ފައިސާ ދިނުމަށްޓަކައި އެ މިނިސްޓްރީން މިހާތަނަށް ކުރަމުން އައި ކަންކަން ދެން ކުރާނީ އަލަށް އުފެއްދި މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ކަމަަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ މީޑީއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު އެކުލަވާލާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮލައި މީޑިއާތަކަށް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމްކުރުމުގެ މަރުހަލާގައި ކަމަށެވެ.
ނަމަވެސް އެ މަރުހަލާގައި ވެސް އުސޫލު އެކުލަވާލީ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފައާއެކު ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެމްއެމްބީސީ އެފެއްދުމާ އެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ އެންމެހާ ކަންކަން މިނިވަންކަމާ އެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެ ކޮމިޝަނުން ކަމަށް ދެކޭތީ، ޔޫތު މިނިސްޓްރީން ކުރި އިއުލާން ބާތިލުކޮށް އެކަމުގެ އެންމެހާ ކަންކަން އެ ކޮމިޝަނާ ހަވާލު ކުުރުމަށް ނިންމި ކަމަށް އިއުލާންގައި ބުނެފައިވެއެވެ.



