އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ.
އެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޓަކައި ކައުންސިލްތަކުގެ ބާރުތައް އިތުރުކުރުމުގެ މަގްސަދުގައި އެހީއެއް ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަށް ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ކައުންސިލްތަކަށް ދޭ އެހީއެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”2026 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.5 ބިލިއަން ރުފިޔާ“ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތަކަށް ބަޖެޓު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ބްލޮކް ގްރާންޓުން ހަރަދުކުރެވޭ އުސޫލުތައް ހަރުދަނާކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރު އެޅޭނެ ގޮތަށް ބައްޓަންކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.




