ދ. ބަނޑިދޫ އަދި ދ. މީދޫ ގައި ގާއިމުކުރި އައިސްޕްލާންޓްތައް ހުޅުވައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯއާއި) ހަވާލުކޮށްގެންނެވެ.
މިއީ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެެއެވެ.
ދ. ބަނޑިދޫގައި ގާއިމުކޮށްފައި ވަނީ 30 ޓަނުގެ އައިސްޕްލާންޓެކެވެ. އަދި ދ. މީދޫގައި ގާއިމުކޮށްފައި ވަނީ 30 ޓަނުގެ އައިސް ޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ.
ދ. މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިދެއްވާފައި ވަނީ މިނިސްޓަރު އަޙްމަދު ޝިޔާމް އެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޙް މުޙައްމަދު ލަޠީފް އަދި މީދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ހުޅުވި އެ ދެ އައިސްޕްލާންޓުގެ ސަބަބުން ދ. އަތޮޅުގެ މަސްވެރިންނަށް މަސް ގަނޑުކުރުމަށް ބޭނުންވާ އައިސް ލިބުމުގައި ކުރިމަތިވާ ދަތިކަން ހައްލުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެެއެވެ.




