ރާއްޖެއާއެކު ތިމާވެއްޓަށް ފައިދާހުރި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޗައިނާއިން އޮތީ ތައްޔާރަށްކަމަށް ޗައިނާގެ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ސިންހުއާ އަދި ދެވަނަ ސެކްރެޓަރީ މިސް ޗީ ޖުން ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމާއެކު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ ދެޤައުމުގެ ދެމެދު ގާތް ގުޅުމެއް ބިނާކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ.
ޚާއްސަކޮށް، ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމަށް ދެފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ޗައިނާއާއެކު މިފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން ބޭނުންފުޅުވާކަން ފާޅުކުރައްވާފައެވެ.
ޗައިނާ ސަފީރު ކޮންގް ސިންހުއާވެސް ވަނީ ދެގައުމުގެ ދެމެދުގައި މިހާރަށްވުރެ ގާތް ގުޅުމެއް ބިނާކޮށް، ތިމާވެއްޓަށް ފައިދާހުރި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޗައިނާއިން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.



