އަންނަ އަހަރުގެ ބަޖެޓުން ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.
އެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކެޕިޓަލް ހަރަދުގެ ތެރެއިން ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން މީގެތެރޭގައި ބޯހިޔާވަހިކަމާއި ބިންހިއްކުމާއި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާއި މިނޫންވެސް ތަރައްޤީގެ މުހިންމު ގިނަ ދާއިރާތަކެއް ހިމެނެއެވެ.
އެ ބަޖެޓުން އާންމު ބޭނުންތަކަށް އަޅާ އިމާރަތްތަކަށް 2.3 ބިލިއަން ރުފިޔާ ހޭދަކުރަން ހަމަޖެހިފައި ވާއިރު މީހުން ދިރިއުޅެން އަޅާ އިމާރާތްތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަ ކުރަން ވަނީ ހަމަޖެހިފައެވެ. އަދި އެ ބަޖެޓުން ބިން ހިއްކައި ބިންގަތުމަށް 277 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
އެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް 2026 ވަނަ އަހަރުގައި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ހަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 3.1 ޕަސެންޓްއިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.




