ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ މުހިންމު 3 ކަމެއް މިއަދު ވަނީ ތަންފީޒުކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިފަދައިން އިއުލާނު ކުރެއްވީ މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، މިއަދު ނޮވެމްބަރ 1، 2025 ގައި 3 ކަމެއް ތަންފީޒުކުރަން ފެށިފައިވާ ކަމަށެވެ.
އެއީ:
1. 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން.
2. ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން.
3. ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް މުސާރަ ބޮޑުކުރުން.
ރައީސް ވަނީ، މި މުނާސަބަތުގައި މި 3 ކަންތައް ޙަޤީޤަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ނުހަނު ޝުކުރު ދަންނަވާފައެވެ. އަދި، މި 3 ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނެ އެންމެހާ ފަރާތްތަކާއި، ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް މުޢިއްޒު ވަނީ މަރުޙަބާ ދަންނަވާފައެވެ.



