އެލައިޑް އިންޝުއަރެންސަށް 40 އަހަރު ފުރުމާ ގުޅިގެން، ބައިސްކަލު ރޭހެއް ބާއްވައިފިއެވެ.
”އެލައިޑް ބައިސްކަލް ރޭސް“ ގެ ނަމުން ބޭއްވި މި ރޭހަކީ، ބައިކް މޯލްޑިވްސްއާ ގުޅިގެން އެލައިޑުން ބޭއްވި ރޭހެކެވެ.
މި ހަރަކާތަކީ އެލައިޑަށް އިއްޔެ 40 އަހަރު ފުރުމާ ގުޅިގެން ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.
އެލައިޑު ބުނި ގޮތުގައި، މި ހަރަކާތުގެ ބޭނުމަކީ މުޖުތަމައުގެ ތެރޭގައި ގުޅުން ބަދަހިކޮށް، މަޖާ މާހައުލެއްގައި ހަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދިނުމެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު ބޭއްވި މި ހަރަކާތުގައި ރޭހުގެ ބައިވެރިންނަށް ރިވައިވް ފިޓްނެސް އިން ވަނީ ވޯމްއަޕް ސެޝަނެއް ބާއްވައިދީފަ އެވެ. އެ ހަރަކާތުގައި ކުޑަކުދިންނާއި ބައިސްކަލު ދުއްވުމުގެ ހުނަރުވެރިން ބައިވެރިވި އެވެ. ތިން އުމުރުފުރައަކަށް ބަހާލައިގެން ބޭއްވި މި ރޭސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ މެޑަލް ދީފަ އެވެ.
އެ ރޭހުގައި ކޮންމެ ކެޓަގަރީއަކުން ހާއްސަ ލަކީޑްރޯއެއް ނަގައި ނަސީބުވެރި ތިން މީހަކަށް ފައިސާގެ އިނާމު ދިނެވެ. އެގޮތުން އެއްވަނައަށްދިޔަ ފަރާތަށް 7،000 ރުފިޔާ، ދެވަނައަށްދިޔަ ފަރާތަށް 5،000 ރުފިޔާ އަދި ތިންވަނައަށްދިޔަ ފަރާތަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ.
އެލައިޑުން ބޭއްވި ބައިސްކަލު ރޭހުގައި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ފަޒްލާ ރަޝީދާއި ބައިކް މޯލްޑިވްސްގެ ރައީސް ފާތުމަތު ނާއިލާ އާއި ސީއީއޯ ޒުލޭހާ ހަސަން ދީދީ އާއި ފައުންޑާ މެމްބަރު އަހުމަދު ހަސަން ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.



