ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ ”ނެޝަނަލް ޓޯޗް ރަން“ ގައި ހައުސިންގް ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވެއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތު އަދި، މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަން ގުޅިގެން އިއްޔެއާއި މިއަދު މާލޭ އެކުވެނި ޓްރެކްގައި ކުރިއަށްގެންދާ މި ދުވުމަކީ، ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމާއެކު، ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް، ހުއްޓުމެއްނެތި 24 ގަޑިއިރަށް ކުރިއަށްގެންދާ މި ދުވުމުގައި، އެޗްޑީސީގެ އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރާއެކު އެ ކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ހިމަނައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް މިއަދު އަމަލުކުރަން ފަށާއިރު، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މުޖްތަމައުއަށް ފައިދާހުރި ކަންކަމުގައި އެޗްޑީސީގެ ޓީމުން އަބަދުވެސް ފުރިހަމަ އެއްބާރުލުންދެއެވެ.



