އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ފުލުހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް، 25އ ގެ މައްޗަށެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ލިބުނު ރިޕޯޓަކާ ގުޅިގެން ނައުފް ނަސީމް ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި ބަލާ ފާސްކުރުމުގެ ތެރެއިން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވާތީ އެ ރޭ އޭނާ ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން އެ މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކޮށް، މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އޭނާގެ ބަންދުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވުމުން އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.




