ކ. ތުލުސްދޫގައި ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި އަންހެން ފުލުސް ވަޒީފާއިން ވަކި ކުރަން ނިންމައިފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 17ގައި ކ. ތުލުސްދޫ ގެސްޓްހައުސްއެއް ބަލައި ފާސް ކުރުމަށް ފުލުހުން ހިނގި މި އޮޕަރޭޝަނެއްގައި ޖުމްލަ ހަތް މީހަކު ހައްޔަރު ކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ސައުވީސް“ އަށް މައުލޫމާތު ދެމުން ވިދާޅުވީ މި މައްސަަލައަ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނަކައި، 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ އަންހެނެއް ކަމަށާއި އެންމެންނަކީވެސް ދިވެހިން ކަމަށެވެ.
”އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ގެސްޓްހައުސް ބަލައިފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500އެމްއެލްގެ ދެ ފުޅިއާއި ތައްޓެއް ފެނުނު މައްސަލައިގައި“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަދި އެ މީހުން ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފައިވާ ކަމަށާއި އެ މީހުންގެ ކުޑަކުމުދާތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެއްޗަށް ނައްސިވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ފުލުސް އޮފިސަރެއް ކަމަށްވާ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރު ހިމެނޭ ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އަދި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން ބެލުމަށް ފަހު ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން، އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ލަފާ ދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.



