މާލެ މީހުންނަށްވެސް އެހެން ރަށްރަށުން ބިން ލިބެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ގޯތި ދިން މައްސަލަ ހޫނުވެ އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މިކަމަށް އިޝާރާތްކުރައްވާ މާލޭގެ ބިމުގެ ބަހުސް މިހާރު ހިނގާކަން ހާމަކުރައްވާ އެކްސްގައި ރައީސް ނަޝީދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ އަކީ ވަކި ބައެއްގެ ރަށެއް ނޫންކަން ޒަމާނުއްސުރެ އެމަނިކުފާނުގެ ”ކިލާ މާލެ“ ފޮތުގައި ވާނެ ކަމަށެވެ.
މިސާލަކަށް 1750 ގައި މާލޭ ބޯހިމެނިނަމަ މާލޭގައި ގިނައިން ދިރިއުޅެނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި، ރާއްޖޭގެ އެކި ރަށްރަށުގެ މީހުންކަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިޔާ ހަމައަށް އެއީ ކެލާ އެދުރު ކަލޭފާނު ގޯތި. އައްޑޫ ސިއްކަގެ އެއީ މިހާރުގެ ސިއްކަ ގެއިން ފެށިގެން މާލޭ އުތުރު އަތިރިއަށް. މާލޭގައި ކޮންމެ ރަށަކަށްހެން ގެއެެއް ހުންނާނެ“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެހެންމެ 1750 ވަނަ އަހަރު މާލޭގައި ގިނަވާނީ ބަބުރުން، މަލަބަރު، ތުރުކީ އަދި މިހެންގޮސް މި ބާވަތުގެ ސަރަހައްދީ ރަށްރަށުގެ މީހުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަދިވެސް ފެނިވަޑައިގަންނަވާ ގޮތުގައި މާލޭގެ ބިން ދޫކުރުން އެންމެ ރަނގަޅީ ”ވެށިފަހިމާލޭ“ ޕްރޮގްރާމުގެ ދަށުން ކަމަށެވެ.
އަދި މާލޭ މީހުންނަށްވެސް، އެހެން ރަށްރަށުން ބިން ލިބޭގޮތްވުން ބޭނުންތެރި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.




