ކުރިން މައްސަލަތައް ބަލާފައި ނުވުމަކީ ފަހުންވެސް އެކަން އެހެން އޮންނަންޖެހޭ ސަބަބެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސައްތާރު މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސައްތާރު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަން ކުރަންޖެހޭ ކަމަށާއި، އަދި ޝަރުއީ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތައް ކަމަށްވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ހިދުމަތް ރައްޔިތުން ގަބޫލު ކުރާ ފެންވަރުގައި އަވަސް މިނުގައި ދޭން ޖެހޭ ކަމަށެވެ.
ހަމައެހެންމެ ކޮންމެ ކަމަކީ ކޯޓަށް ގޮސްގެން ޙައްލުކުރަންޖެހޭ ކަމަކަށް ވެގެން ނުވާނެކަމަށްވެސް ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ، ޤައުމު ހިންގުމުގެ ބާރުގައި ތިއްބަވާ ބޭފުޅުންވެސް ޤާނޫނުތަކާއި ޤަވާއިދުތައް ބަލައި އިޙްލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އޮޑިޓް އޮފީހުން ޤަވާއިދުން ބަލަންޖެހޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން މުހިއްމުކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރެވޭނީ އެގޮތަށް އަމަލުކޮށްގެން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.




