ގައުމީ ވަތަނީ ހިދުމަތް ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު 1،000 ކުދިން ތަމްރީނުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޒުވާނުންގެ ތެރެއިން ގައުމީ ހިދުމަތުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހުޅުވާލުމުން، އެ ޒުވާނުންގެ އާއިލާތަކުންނާއި ބެެލެނިވެރިން އެއީ މުހިންމު ކަމެއް ކަމަށް ދެކި، އެ ޕްރޮގްރާމަށް އިތުބާރުކުރިކަން ފާހަގަކުރައްވާފައެވެ.
”ގައުމު ދެކެ ލޯބިވާ، ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި ބަޔަކު އުފެއްދުމަކީ އެކަމަށްޓަކައި އުފާކުރަންޖެހޭކަމެއް“ އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފެށޭ އަހަރު ގާތްގަނޑަކަށް 1،000 އިތުރު ކުދިން ތަމްރީނު ކުރަން ފެށޭނެ ކަމަށެވެ.
މީގެ އިތުރުން ދެން އޮތް ކޮންމެ އަހަރަކު މަދުވެގެން 1،000 ކުދިން ތަމްރީނުކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



