ފުވައްމުލަކު ސިޓީގެ ފެނުގެ މައްސަލަ ފެނަކަ ކޯޕަރޭޝަނުން ހައްލުކޮށް، ފެނުގެ ކޮލިޓީ ކަށަވަރު ކުރުމަށްޓަކައި ގަޑިއަކު އެއްފަހަރު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ފުވައްމުލައް ފެން ޕްލާންޓަށް ލޮނުގެ އަސަރުކޮށް، ވަނީ މައްސަލަ ޖެހިފައެވެ.
ލޮނުގެ އަސަރު ކުރުމުގެ ސަބަބުން އެރޭ މުޅި ފުވައްމުލަކުން ވަނީ ފެނުގެ ހިދުމަތް މެދުކެނޑިފައެވެ.
ނަމަވެސް ފެނަކައިން ކުރި މަސައްކަތުން 24 ގަޑިއިރުގެ ތެރޭގައިވަނީ އެ މައްސަލަ ހައްލުކޮށް، އަލުން ހިދުމަތް ދޭން ފަށާފައެވެ.
ފެނަކަ އިން މިކަމާ ބެހޭގޮތުން މިމަހުގެ 1 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދެމުންގެންދާ ދެ ފެންޕްލާންޓްގެ ތެރެއިން އެއް ޕްލާންޓްގެ ކަނެކްޝަން މައްސަލައެއް ދިމާވެ އެކަން ކުންފުނީގެ މުވައްޒަފުންގެ ސަމާލުކަމަށް އައުމާއިއެކު އެ މައްސަލަ ދެނެގަތުމަށް ކުރެވުނު މަސައްކަތުން އެ ޕްލާންޓުގެ ފެނުގެ ނެޓްވޯކްގައި ލޮނުގެ އަސަރު ހުރިކަން ޓެކްނިކަލް ޓީމަށް ފާހަގަކުރެވުނު ކަމަށެވެ.
މިއާއިއެކު އެމައްސަލަ ހައްލުކުރުމަށްޓަކައި އެ ސިޓީގެ ފެނުގެ ހިދުމަތް އެވަގުތު ވަގުތީގޮތުން މެދުކަނޑާލި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެމައްސަލަ ހައްލުކުރުމަށްޓަކައި ވޯޓާ ނެޓްވޯކް ފުލަޝްކުރުމުގެ މަސައްކަތް ކުރިޔަށްދިޔަ ކަމަށާއި މި މަސައްކަތް އެރޭ ދަންވަރުގެ ވަގުތެއްގައި މުޅި ސިޓީއަށް ފެނުގެ ހިދުމަތް ފޯރުކޮށްދިން ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކަ އިން އިއްޔެ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުވައްމުލަކު ފެނުގެ މައްސަލަ ހައްލުކޮށް، ފެނުގެ ކޮލިޓީ ކަށަވަރު ކުރުމަށްޓަކައި، ގަޑިއަކު އެއްފަހަރު ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.



