އިންވެސްޓަރުން ޝައުޤުވެރިކުރުވަން ބޮޑެތި ލުއިތަކަކާއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ، މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. މިއީ، އެސްއީޒެޑްގެ ޤާނޫނު 2014 ވަނަ އަހަރު އުފެދުނު ފަހުން، މި ޤާނޫނަށް ހުށައަޅާފައިވާ ފުރަތަމަ އިސްލާހެވެ.
މި ބިލު ދިރާސާކޮށްފައިވަނީ، މުޅި މަޖިލީހުގެ ކޮމިޓީންނެވެ. ކޮމިޓީގައި ބިލަށް އެއް އިސްލާހު ހުށައެޅުއްވިއެވެ. އެ އިސްލާހަކީ، ބިލުގެ 4 ވަނަ މާއްދާގެ 22 ވަނަ މާއްދާގެ ހ. ގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމަށެވެ. އެ އިސްލާހަކީ، ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ޙައްޤުތައް ވިއްކާލާ ޖުމްލަ އަގުގެ 4 އިންސައްތައިގެ ރޭޓުން ޕްރޮޕަރޓީ ޓްރާންސްފަރ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ބަދަލު ކުރުމަށެވެ.


