ރަށްދެބައިހިނގުމުގެ ފެން ބޮޑުވާ ސަރަހައްދު މަރާމާތުކޮށް ނިންމާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތްކޮށްފައި ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ގިނަ ދުވަސްވީ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވާ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިކަމަށް އިޝާރާތްކުރައްވާ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ރަށްދެބައިހިނގުން މަގުގެ، ތަބުރޭޒީމަގާއި ފަޅުމަތީ ހިނގުމާއި ދޭތެރެ (އެމް.އެން.ޔޫ ކުރިމަތި) މަގަކީ ޔުނިވަރސިޓީ ދަރިވަރުންނާއި ގިނަ އަދަދަކަށް ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ވަރަށް މުހިންމު މަގެއް ކަމަށެވެ.
އެހެންކަމުން، މި މަގު މަރާމާތުކޮށް ނިމުމުން ގިނަ ފަރާތްތަކަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ޢާޒިމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޝަކުވާތައް ގުޅިފައިހުންނަނީ މާލޭގައި ދިރިއުޅުމުގައި ރައްޔިތުންނާ ކުރިމަތިވާ ދަތިތަކާ ކަމަށެވެ.



