ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
އެ ޙިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ހޮސްޕިޓަލުގައި ސީ.ޓީ ސްކޭންގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެތަން ބައްލަވާލައްވާފައެވެ.
އެ މަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމާއި ފުވައްމުލަކު ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ފުވައްމުލަކު ހޮސްޕިޓަލްގައި މިއަދު ރަސްމީކޮށް ހުޅުވިގެންދިޔަ މި ސީޓީ ސްކޭންގެ ޚިދުމަތާއިއެކު އެ ހޮސްޕިޓަލުން ބައެއް ޙާލަތްތަކުގައި ރިފާކުރަންޖެހޭ ބަލިމީހުންގެ އަދަދު މަދުވެގެން ދާނެ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި ސީޓީ ސްކޭނުގެ ޚިދުމަތް ތަޢާރަފު ކުރުމާއިއެކު ސްޓްރޯކް ޕްރޮޓަކޯލް ވަނީ ޤާއިމު ކުރެވިފައެވެ.
މިޕްރޮޓަކޯލުގެ ސަބަބުން، ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެނެވޭ މީހުންގެ ސީޓީ ސްކޭން 20 މިނެޓް ތެރޭގައި ހެދި، ސްޓްރޯކުގެ ބާވަތް ދެނެގަނެވި، އޭގެތެރެއިން ތުރޮމްބޮލައިސް ކުރަން ޖެހޭ ފަރާތްތަކަށް ވަގުތުން ދޭންޖެހޭ ފަރުވާ ފެށޭނެއެވެ.
ހަމައެހެންމެ ރިފަރ ކުރަންޖެހޭ ފަދަ ޙާލަތްތަކުގައި ރިފަރ ކުރެވުނު ކަމުގައި ވީނަމަވެސް އެފަދަ ބަލިމީހުން ރިފަރ ކުރެވޭނީ ސީޓީ ސްކޭން ހެދުމަށް ފަހު ބަލި ދެނެގަނެވި އަދި ތުރޮމްބޮލައިޒް ކުރެވިގެން ނުވަތަ ވަގުތުން ދޭންޖެހޭ ފަރުވާތައް ދިނުމަށްފަހު ކަމަށް ވާތީވެ، ބަލިމީހާގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކާ ކުޑަކުރެވި، ބަލީގެ ސަބަބުން ލިބިދާނެ ދާއިމީ ނުކުޅެދުންތެރިކަން ކުޑަކުރެވެއެވެ.



