ފުވައްމުލައް ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ސޮއިކޮށްފައި ވަނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީ ރައްޔިތުންނާއި ބަދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރު އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން އެ މަރުކަޒުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.



