ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އެ ސިޓީގައި ބޭންކުގެ ޚިދުމަތް ފުޅާކޮށްފިއެވެ.
ފުވައްމުލައް ސިޓީގައި ޑޮލަރު އޭޓީއެމް ޚިދުމަތް ތައާރަފުކުރުމަށް އެ ސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ މި އޭޓީއެމްގެ ސަބަބުން ފުވައްމުލައް ސިޓީއަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.
”ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. މި އޭޓީއެމްއާއެކު މި ސިޓީގެ ފަރުދުންނާއި ވިޔަފާރިތަކަށްވެސް ބޭރު ފައިސާ ލިބުމަށް ފަސޭހަވެ، ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން ގެނެސްދޭނެ“ ޝަރީފު ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 260 އޭޓީއެމް ހުރެއެވެ.



