ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ސ. ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މެންބަރު ޝާހިދު މިހެން ވިދާޅުވީ އައްޑޫއަށް ރައީސް މުޢިއްޒު މިހާރު ކުރައްވާފައިވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫއާއި މީދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޝާހިދު ވިދާޅުވީ ހުޅުދޫ-މީދޫއަށް ރައީސް މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
އެކަމުގެ ހެއްކަކީ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ހުޅުދޫ އާއި މީދޫ، ވަކިކުރުމަށް ނެގި ވޯޓުކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ އެކަމަކީ އެއްވެސް ސިޔާސީ ވެރިއަކަށް ނުކުރެވި އޮތް ކަމެއް ކަމަށެވެ.
”އެއްވެސް ސިޔާސީ ވެރިއަކަށް އެއްވެސް ވެރިއަކަށް މިއަދާ ހަމައަށް ދިޔައިރު ވެސް މިފަދަ ރައްޔިތުން އެދިގެން ތިބި ކަމަކާ ދޭތެރޭގައި އެއްވެސް ކަހަލަ އަމަލީ ސިފައެއް ގެންނަން ނުކެރުނު. އެ މަނިކުފާނު އަޅުގަނޑުމެންނަށް އެކަން ކޮށްދެއްވީ“ މެންބަރު ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ހުޅުދޫ-މީދޫ ވަކިން އޮތުމަކީ ނިކަމެތިވުން ކަމަށް ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެކަމަކު ދެ ރަށުގެ ބިމުގެ ސައިޒަށް ބަލާއިރު އެ ރަށަކީ މުޅި ރާއްޖެއިން ވެސް ފަސް ވަނައަށް އެންމެ ބިން ބޮޑު ރަށް ކަމަށާއި އާބާދީއަށް ބަލާއިރު ނިސްބަތުން ހަވަނައަށް އެންމެ ބޮޑު އާބާދީ އޮތީ އެ ދެރަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.




