ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ސަރުކާރުގައި ހައުސިންގް ސްކީމްތަކުގެ ތެރެއަށް ނާޖާއިޒް އެއްވެސް ނުފޫޒެއް ނުފޯރާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފު (އިއްމު) ވިދާޅުވެއްޖެއެވެ.
މެންބަރު އިމްރާން މިހެން ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ ވަޓްސްއެޕް ގްރޫޕެއްގައި މީހަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މެންބަރު އިމްރާން ވިދާޅުވީ، ބޯހިޔާވަހިކަމުގެ ބިލް އެކުލަވާލުމުގައި މަޖިލީހުގެ ހައުސިންގް ކޮމިޓީން ދަނީ ކޮންމެ ދުވަހަކު ބުރަބޮޑު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
”ކުރިން ހައުސިންގް ޕްރޮޖެކްޓުތަކުން ރައްޔިތުންނަށް ދިމާވެފައިހުރި ދަތިތައް، މީގެފަހުން ދިމާނުވާނެ ގޮތަށް ވީހާވެސް ބޮޑަށް މި ބިލުގައި ހިމަނާ، ފާސްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. މިބިލަކީ ބޯހިޔާވަހިކަމަށް ގިނަ ހައްލުތަކެއް ލިބޭނެ ބިލެއް ކަމުގައި އުންމީދުކުރަން“ މެންބަރު އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މި ބިލު އެކުލަވާލުމުގައި އާންމުންގެ ހިޔާލަށް ވެސް ވަނީ ހުޅުވާލެވިފައި ކަމަށެވެ. އަދި ކަމާގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކާ މަޝްވަރާ ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މެންބަރު އިމްރާން އިތުރަށް ވިދާޅުވީ، ވަކި މިނިސްޓަރަކަށް ގުޅައި، ވަކި މެންބަރަކަށް ގުޅައިގެން އެއްވެސް ލިސްޓަކަށް އެއްވެސް ނަމެއް ނާރާނެ ކަމުގެ ޔަގީންކަންވެސް އޮތް ކަމަށެވެ.



