އައްޑޫސިޓީ ހަންކެޑެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ތުރުކީގެ ކުންފުންޏަކަށް ފުރުޞަތު ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިކަން އިޢުލާންކުރެއްވީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރުމަށް މިދިޔަ ސަރުކާރުން ނެރުއްވި ގަރާރު އުވާލައްވައި އަލުން ފުރުސަތު ހުޅުވާލެއްވީ މި ސަރުކާރުން އެކަމުގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު ފައިސާގެ ކަންކަން ހަމަނުޖެހި ދިގުލައިގެން ދިއުމުން ދާއިމީ ހައްލެއް ގެނައުމުގެ މަޤްޞަދުގައި ކަމަށެވެ.
އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް އަލުން ހުޅުވާލުމުން ތުރުކީގެ އިންވެސްޓަރަކު ހުށަހެޅި ޕްރޮޕޯސަލެއް ޓޫރިޒަމް މިނިސްޓްރީން ބަލައިގަނެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހަންކެޑެ މަޝްރޫއު ހަވާލުކުރިކަމުގެ ސިޓީ އެ އިންވެސްޓަރަށްދީ، އަންނަ ޑިސެމްބަރު މަހުގެ 7 ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން ފުރުސަތުދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މިއަދުވެސް ޔަގީންކަން ދެއްވި، އެ ބޭފުޅުން އެބަ މަސައްކަތްކުރެޔޭ ހަފުތާއެއްހާ ދުވަސްތެރޭގައި ވެސް އެ ޕޭމެންޓް ހަދަން. ހެދިއްޖިއްޔާ ލީސް އެގްރީމަންޓްގައި ސޮއިކުރާނެ، އޭގެ ތެރެއިން އެ ބޭފުޅުން އެބަ ހަދާ މަދުވެގެން 1،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް އެތަނުގައި. އެއީ ޖުމްލަ 3،000 އެނދުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި“ ރައީސް ވިދާޅުވިއެވެ.



