އަމިއްލަ ކުންފުނިތަކާ އެންމެ ގިނަ މަޝްރޫއުތައް މިއަދު ހަވާލުކޮށް، މި ސަރުކާރު ތާރީހުގެ ތެރޭގައި ލިޔެވިއްޖެއެވެ.
އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފައެވެ.
އެގޮތުން 53 އަމިއްލަ ކުންފުންޏަކާއެކު މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް، ބާސެލޯ ނަސަންދުރަގައި ބޭއްވި ޚާއްސަ ރަަސްމިއްޔާތެއްގައި ވަނީ ސަރުކާރުން ސޮއިކޮށްފައެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ:
° ތައުލީމީ ދާއިރާގެ 31 މަޝްރޫއު
° ސިއްހީ ދާއިރާގެ 30 މަޝްރޫއު
° ހޯމްލޭންޑް ސެކިއުރިޓީގެ ދާއިރާގެ 39 މަޝްރޫއު
° ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު
° މަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއު
° ކުޅިވަރާ ގުޅުންހުރި 52 މަޝްރޫއު
° ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއު
° ދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު
° ޒުވާނުންނާ ގުޅޭ 1 މަޝްރޫއު

މަޝްރޫއުތަކަށް ބަލާއިރު ސަރުކާރުން އެންމެ ގިނަ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ، ކުޅިވަރާ ގުޅުންހުރި ދާއިރާއަަށެވެ.
މި މަޝްރޫއުތައް ކުރިއަށްގެންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށް ވިޔަސް، މި މަޝްރޫއުތަކަށް ހަރަދުވާ ފައިސާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ މަސައްކަތަށް ގާބިލު ކުންފުނިތައް ކަމަށެވެ. އަދި ރަށްރަށުގައި ހިންގާ މި މަޝްރޫއުތައް ޑިޒައިންކޮށްފައި ވާނީ ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވީ ދެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެވުނު އެއްބަސްވުންތަކާއި، މިއަދު ސޮއި ކުރި 206 އެއްބަސްވުމާއެކު މި ހަފްތާ ތެރޭގައި ސަރުކާރުން މިވަނީ އަމިއްލަ ކުންފުނިތަކާއެކު 216 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.




