އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ 29 ޕަސެންޓް ހަރަދުކުރަން ޖެހޭނީ ނަގާފައިވާ ދަރަނި ދައްކަން ކަމަށް، ބަޖެޓް ހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެހެންކަމުން ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ހިސާބުތަކުން ދައްކައެވެ.
ބަޖެޓު ހިސާބަށް ބަލާއިރު، އަންނަ އަހަރު ދައްކާ ދަރަނީގެ އެންމެ ބޮޑު ބަޔަކީ 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކާއި 2018 ވަނަ އަހަރު އަބޫދާބީ ފަންޑަށް ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑެވެ. އެ ދެ ބޮންޑަށްވާ ފައިސާ ވެސް އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ބޮންޑް ހޯލްޑަރުންނަށް އެއްފަހަރާ އަނބުރާ ދައްކަން ޖެހެއެވެ.
މީގެއިތުރުން އަންނަ އަހަރު ދަރަނީގެ ތެރެއިން ޑޮމެސްޓިކް ދަރަނީގެ ގޮތުގައި 90 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެ އެވެ. މިއީ މިއަހަރަށް ކަނޑައެޅި ވަރަށް ވުރެ 42 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މަލްޓިލެޓްރަލް އާއި ބައިލެޓްރަލް އިދާރާތަކަށް އެއް ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު ޕެންޝަން އެކްރޫޑްސްގެ ގޮތުގައި 109 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އަދި ބަޔާޒް ކްރެޑިޓަށް 1.6 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.



