މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ސަރަހައްދުގެ ބޭރުގައި އޮތް ”އެމް.ވީ ސެލެސްޓިއާ“ ބޯޓުން 2025 ނޮވެންބަރު 02 ވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް 2 އެކްސްކަވޭޓަރ ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާއާ ގުޅިގެން އެ ކުންފުނިން ޚާއްސަ ތަހުގީގެއް ކޮށްފިއެވެ.
އެ ހިތާމަވެރި ހާދިސާގައި އެމްޕީއެލްގެ ދެ މުވަައްޒިފެއް ވަނީ ނިޔާވެފައެވެ.
އެމްޕީއެލް އިން ބުނީ، މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ކުންފުނިން ވަނީ އެތެރޭގެ ތަހުގީގެއް ހިންގަން ފަށައި، ޢިބްތިދާޢީ ހޯދުންތަކެއް ހޯދާފައި ކަމަށެވެ.
އެގޮތުން މި އިބްތިދާޢީ ހޯދުންތަކުން ހާދިސާ ހިނގި ގޮތާއި، މިހާތަނަށް ފާހަގަކުރެވުނު މައްސަލަތަކާއި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިއުމަށް، މި ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ފާހަގަކުރެވިފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުނެފައިވެއެވެ.
ޢިބްތިދާޢީ ހޯދުންތަކުން އެމްޕީއެލްއަށް ފާހަގަކުރެވުނު ކަންތައްތައް:
1. މި އޮޕަރޭޝަންގައި 02 އެކްސްކެވޭޓަރ އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން. ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން.
2. ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ޤަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.
3. ޑައިރެކްޓް ޑެލިވަރީ (މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން) އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ޤަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަންކަމަށް ވީ ހިނދު، އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން 02 އެކްސްކެވޭޓަރ ލޭންޑިންގ ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަން.
4. އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން.
5. ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައި. އެމް.ޕީ.އެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބެން މެެދުވެރިވި ސަބަބަކީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިންގ ކްރާފްޓް ގިރާކޮށްފައި ކަމުގައިވުން.
ލޭންޑިންގ ކްރާފްޓަށް 02 އެކްސްކެވޭޓަރ ބޭލުމުގެ އޮޕަރޭޝަންސްތައް އެމްޕީއެލްއިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެ ކުންފުނިން އަމަލުކުރަމުންދާ ޤަަވައިދުތަކާއި އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް މި އުސޫލު މުރާޖާކޮށް، މިހާރު ބަދަލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އެތެރޭގެ ތަހުޤީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް މި ކުންފުނިން މިހާރު ދަނީ ތަންފީޒުކުރަމުން ކަމަށެވެ.
އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ޙާއްސަ އޮަޕަރޭޝަންސްތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރުން ހިމެނޭ ކަމުގައި ވެސް ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި ގުޅިގެން ރާއްޖެއަށް މުދާ ގެންނަ ފަރާތްތަކަށް ދަތިނުވާނެެ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އައުޓަރ އެންކަރޭޖް (ކަނޑުމަތީގައި މުދާ ބޭލުމުގެ އޮޕަރޭޝަންސް) ބޯޓު ފަހަރު ބާއްވައިގެން މުދާ ބޭލުމަކީ އަބަދުވެސް އެމްޕީއެލް އިން ކުރިއަށް ގެންދާ މަސައްކަތަކެވެ.
އެގޮތުން، ބަރު ވެހިކަލްތަކާއި، ޕްރޮޖެކްޓްތަކުގެ ކާގޯ އަދި އެހެނިހެން ބަރު މުދާ މިފަދަ އޮޕަރޭޝަންސްތަކުގައި ބާލައި، ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އަދި އެމް.ޕީ.އެލްއަކީ މިފަދަ އޮޕަރޭޝަންސް ހިންގުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ލިބިފައިވާ ޤާބިލް މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަަށް ވެސް ބުނެފައިވެއެވެ.
މި ހާދިސާ ހިނގި ފަހުންވެސް. އެމް.ޕީ.އެލްއިން ވަނީ ”އެމްވީ ސެލެސްޓިއާ“ގައި ބާކީ ހުރި ދެ އެކްސްވޭޓަރ ބޭލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފަކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ. މި އޮޕަރޭޝަންސް އެމް.ޕީ.އެލް އިން ކުރިއަށް ގެންދިޔައީ ޚާއްސަ އޮަޕަރޭޝަންސްތައް ކުރިއަށް ގެންދިއުމުގައި މި ވަގުތުން ވަގުތަށް ގެންނަޖެހޭ ބަދަލުތައް ގެނެސް، ސަލާމަތާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާއެކުއެވެ.


