އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް އިންތިހާބުކޮށްފިއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ޖުމްލަ 22 މެންބަރުން ހިމެނޭއިރު އެއީ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ މެންބަރުންނެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ސަލީމް އިންތިހާބުކުރީ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވި 18 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިހާބުކުރީ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
މިއަދުގެ ކޮމިޓީގައި ވަނީ ބަޖެޓު ދިރާސާކޮށް ނިންމަން އެންމެ ފަހު ސުންގަނޑިއެއްގެ ގޮތުގައި މި މަހުގެ 19 ވަނަ ދުވަސް ކަނޑައަޅާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.



