ރާއްޖެއާއި ގަތަރާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ކެބިނެޓްގެ މެންބަރު ސުލްތާން ބިން ސާދު ބިން ސުލްތާލް އަލް މުރައިޚީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޤަތަރުގެ ރައްޔިތުންނަށް ފައިދާކުރާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ހަކަތައާއި ތަޢުލީމާއި ޞިއްޙީ އަދި އިންވެސްޓްމަންޓާއި ސަގާފަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ފަރާތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ޤަތަރުގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ރާއްޖޭގެ އިޖުތިމާޢީ އަދި އިގްތިސާދީ ތަރައްގީގައި އެ ޤައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ވަނީ ރާއްޖޭން އެމަނިކުފާނަށް އަދާކުރި މެހެމާންދާރީީއަށް ޝުކުރު އަދާކުރައްވާފައެވެ.
ހަމައެހެންމެ ކުރިއަށް އޮތްތަނުގައިވެސް ޤަތަރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތައް ބަލައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.




