’ވަރަ‘ އެކްސްޕޯގެ ނަމުގައި މިއަދު ފަށާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގައި، ކެރިއަރ ގައިޑެންސް ދިނުމަށް އެޗްޑީސީން ގިނަ ސްޓޯލްތަކެއް ބަހައްޓަން ނިންމައިފިއެވެ.
އެ އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
އެގޮތުން މި އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެޗްޑީސީން ބުނީ މި އެކްސްޕޯގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގެ ފަރާތުން ޖުމްލަ 9 ސްޓޯލެއް ބަހައްޓާނެ ކަމަށެވެ.
އޭގެ ތެރޭގައި ކެރިއާ ގައިޑެންސް ދިނުމާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އެކި ކަހަލަ ގޭމްތައް ހިމެނޭކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އަދި، އެއާއެކު އެކްސްޕޯއަށް ޒިޔާރާތްކޮށް، އެޗްޑީސީގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފަރުކޮޅުފުށި ވެޑިންގ ވެނިއުއަކާއި ކުޑަގިރި ދަތުރެއް ހޯދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުންނަށް ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައްފަދަ ގިނަ ހަރަކާތްތަކެއް އަބަދުވެސް ކުރިއަށްގެންދެއެވެ.


