ތިނަދޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިވަޤްފު މަޝްރޫއަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެއް ކަމަށެވެ. މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 10 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫޢު ނިމުމާއެކު ތިނަދޫ ސިޓީއާއި ގދ. އަތޮޅުގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
އަތޮޅުތަކުގައި ޤާއިމް ކުރެވޭ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ.
މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ.
މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.




