ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފިއެވެ.
މި ގައިޑު ނެރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް އާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ / ވިޒިޓް މޯލްޑިވްސް) ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އަދި އެ ކޯޕަރޭޝަންގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާޘް ބައިވެރިވެވަޑައިގެންނެވުމާއެކުއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މި އައު ޑެސްޓިނޭޝަން ގައިޑުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެންހުރި މުޅިން އައު ތަޖުރިބާތަކާއި، ފަތުރުވެރިންނަށް ޚާއްޞަ ދަތުރުފަތުރުގެ އިންތިޒާމުތަކުގެ އިތުރުން، ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑުތަކުގައި ހުރުމުގެ އެކިއެކި އިންތިޒާމުތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ހިމަނާފައިވާ ކަމަށެވެ.
”މި ގައިޑަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެ ވަސީލަތެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ގައިޑު ނެރުމުގެ މައިގަނޑު މަޤްޞަދަކީ، 2026 ވަނަ އަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ލިބެންހުރި ހުރިހާ ޚިދުމަތްތަކެއްގެ މައްޗަށް އަލިއަޅުވާލުމެވެ.
މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ހަރުދަނާވެ، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ބާރުއެޅޭނެ ކަމަށް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސް އިން ނެރެފައިވާ މި ޑެސްޓިނޭޝަން ގައިޑަކީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.



