މިއަހަރުގެ ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު މިއަދު ހަވީރު ތިނަދޫ ސިޓީގައި ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ.
އެމްއެންޑީއެފުން މިކަން ހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ބުނީ މި އަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފްއިން ތިނަދޫ ސިޓީގައި ކުރިއަށްގެންދާ، ނަޞްރުގެ ދުވަހުގެ ފޮޓޯ މަޢުރަޒު ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
”މި އަހަރުގެ ނަޞްރުގެ ދުވަހުގެ ފޮޓޯ މަޢުރަޒު، ނޮވެންބަރު 7އާއި 8ވަނަ ދުވަހު، އަދި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި އާއިލީ ހަވީރު، ނޮވެންބަރު 8ވަނަ ދުވަހު، ގދ. ތިނަދޫ ސިޓީގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައި“ އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެގޮތުން މި މަހުގެ 7،8 ގައި ކުރިއަށްގެންދާ މި މައުރަޒު އޮންނާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
7 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު ކުރިއަށްދާނެއެވެ. އަދި 8 ނޮވެމްބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް، ހަވީރު 2:00 އިން އިރުއޮއްސި 6:00 އަށް މީގެ އިތުރުން ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު ކުރިއަށްދާނެއެވެ.
ތިނަދޫއަކީ 3 ނޮވެންބަރު 1988 އުދުވާނުގައި ޝަހީދުވި ސިފައިންގެ ބޭކަލުންތެރިން ޝަހީދު ކޯޕަރަލް ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.



