ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ރާއްޖެއަށް ގެންނަން ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާ ބައްދަލުކުރެއްވުމުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އިބްރާހީމް ތޯރިގާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕާޓާގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ސީއީއޯ ނޫރު އަހުމަދު ހަމީދު އެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުން ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު އެއް މަޤްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެ، އެ ދާއިރާގެ ދެމެހެއްޓެނިވި ކުޅަދާނަކަން އިތުރުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
“ އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތައް ތަންފީޒުކުރުމާއި، މުޖުތަމަޢީ ތަރައްޤީއަށް އިސްކަންދިނުން ހިމެނޭ“ މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށްޓަކައި ޕާޓާއާ ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
ދެ ފަރާތުން ވެސް މިފަދަ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.
މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން އުންމީދުކުރެެއެވެ.




