ފަލަސްތީނުގެ ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގި ޖަރީމާއާ ގުޅިގެން، އިޒްރޭލުގެ ބޮަދުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރަން ތުރުކީން އަމުރު ނެރެފައިވަނީ ނަތަންޔާހޫ ހިމެނޭހެން 37 މީހަކު ހައްޔަރު ކުރާށެވެ. އޭގެތެރޭގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކާޒް އާއި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެންގަވްރާއި އާމީ ޗީފް އެޔާލް ޒާމިރު ވެސް ހިމެނެއެވެ.
އިސްތަންބޫލުގެ ޕްރޮސެކިއުޓަރުން އިއްޔެ ނެރުނު އަމުރުގައި، ތުހުމަތުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ނިޒާމީ ގޮތެއްގައި ”ޖެނޮސައިޑް“ އެއް ކުރިއަށް ގެންގޮސް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާއެއް ހިންގާފައި ވެއެވެ.
”އަލް އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލަށް އޮކްޓޯބަރު 17، 2023 ގައި ދިން ހަމަލާގައި 500 މީހެއްގެ ފުރާނަ ދުއްވާލި. ފެބްރުއަރީ 29، 2024 ގައި އިޒްރޭލު ސިފައިން ގަސްދުގައި މެޑިކަލް އިކްއިޕްމެންޓްތައް ނައްތައިލި. ޣައްޒާ ބާއްވާފައި އޮތީ ހިސާރެއްގެ ދަށުގުވައި. އަނިޔާ ލިބުނު މީހުން އިންސާނީ އެހީން މަހުރޫމްކުރި،“ ތުރުކީން ނެރުނު އަމުރުގައި ބުންޏެވެ.
މީގެއިތުރުން އެ އަމުރުގައި ހިމަނާފައިވާ ވަކިވަކި ޖަރީމާތަކުގެ ތެރެގައި ޣައްޒާގައި ތުރުކީން ބިނާކޮށްފައިވާ ”ޓާކީ ޕެލަސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް“ އަށް މާޗް މަހު ދިން ހަމަލާ ހިމެނެއެވެ.
އިޒްރޭލުން ބުނެފައިވަނީ، ތުރުކީން ނެރުނު އަމުރަކީ ޕީއާރް ސްޓަންޓެއް ކަމަށެވެ. ނަމަވެސް ހަމާސް އިން ވަނީ އެ އަމުރަށް ތައުރީފު ކޮށްފައެވެ.




