އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ރާއްޖޭން އަމަލުކުރާނީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭޖީ އުޝާމް މިހެން ވިދާޅުވީ، އިންސާނީ ހައްގުތައް ލިބިދޭ މިންވަރު އދ. އިން ވަޒަންކުރަން ބާއްވާ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގެ ސެޝަންގައި ރޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އޭޖީ ވިދާޅުވީ ރާއްޖޭގެ އައިޑެންޓިޓީ ގުޅިފައި އޮތީ އިސްލާމްދީނާ ކަމަށާއި އެއީ އިޖުތިމާއީ ފޭރާމުގެ، ކޮމްޕްރޮމަައިޒް ނުކުރެވޭނެ ރުކުނެއް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނަށް ހުރުމަތްތެރިކަން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ވެލިއުތައް ބައްޓަން ކުރަނީ މި ދީން. ގާނޫނުތަކަށް މައުލޫމާތު ނަގަނީ މި ދީނުން އަދި އަޅުގަނޑުމެންގެ އިޖުތިމާއީ އަހުލާގީ ސަމުގާ މިސްރާބު ކޮށްދެނީ މި ދީނުން. އިންސާނީ ހައްގުތަކަށް އަޅުގަނޑުމެން ދޭ ކޮމިޓްމެންޓް އޮންނާނީ މި ބިންގަލާ ގުޅިފައިވާ އުސޫލުތަކާ އެއްގޮތަށް،“ ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ބޭއްވި ރިވިއު ސެޝަންގައި އުޝާމް ވިދާޅުވިއެވެ.




